މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވައި، އެކަމާ ގުޅޭ ރަސްމީ ދެންނެވުން، ރައީސް އޮފީހުން މިއަދު ނެރުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް މި ހަމަޖެއްސެވީ، ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ބަންދުކުރެއްވުމަކީ، މި ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީ ކަމަށެވެ.

އެގޮތުުން ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެ އޮފީހުން މިހާރުވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެއްވަމުން ގެންދަވާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކުރައްވައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގައި ހިދުމަތްތައް ދެއްވުމުގައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތައް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި މި ދެންނެވި މުއައްސަސާތަކުން އެ ހިދުމަތްތައް ދެއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، އެކި ވަސީލަތްތައް މެދުވެރިކުރައްވައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށްދެއްވުމަށާއި، އެކަންކަމުގެ މައުލޫމާތު، ރައީސް އޮފީހާ ހިއްސާކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި ވަނީ އެ އޮފީހުން އެދިވަޑައިގެންފައެވެ.