2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން މާދަމާ އޮންނާނެއެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ރިޔާސީ ބަޔާނަކީ، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ޙާލަތާއި އަދި ކުރިޔަށް ހުރި ރޭވުންތަކާއި ތަޞައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަންޖެހޭ ބަޔާނެކެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތަށް ކުރާ ކަމެކެވެ.

މީގެ ކުރިން އަހަރުތަކުގައި ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވާފައި ވަނީ ދަރުބާރުގޭގައެވެ. ނަމަވެސް މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރުގައި، ރައްޔިތުންގެ މަޖިލިސް ހުޅުވާދުވަސް ރަސްމީ ބަންދު ދުވަހެއް ކަމުގައި އޮތީ ހަމަޖައްސަވާފައެވެ. އެހެންނަމަވެސް މިސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައި ވަނީ، ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ނުކުރެއްވުމަށެވެ.