އައްޑޫ ސިޓީ ހިތަދޫ އިހުގެ ބަނދަރު މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިންމާލައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް މި މަހުގެ 02 ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

“އަދި ބަނދަރު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައި.“

މި މަޝްރޫއުގެ ދަށުން 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަހއްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ. އަދި 728 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި، 5455 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުއަކީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.