މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް، މިއަދު ބާއްވާ ޖަލްސާ އަދި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށައަޅުއްވާ ޖަލްސާ ބޮއިކޮޓް ކުރުމަށް، ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް، ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި ކަމަށް އެ ޕާޓީން ހާމަކޮށްފައި ވާއިރު ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ މަޖިލިސް ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރި ނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކު ކުރެވުން ފަދަ އެތައް ސަބަބުތަކެއް ހިމެނޭ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެ ޕާޓީން ބުނީ މިކަންކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖެއް ކުރުމުގެ މަގުސަދު ގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ހުށައަޅުއްވާ ޖަލްސާ ބޮއިކޮޓްކުރުމަށް ނިންމީ ކަމަށެވެ.
ރިޔާސީ ބަޔާނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ޤައުމުގެ ޙާލަތާއި އަދި ކުރިޔަށް ހުރި ރޭވުންތަކާއި ތަޞައްވަރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވަންޖެހޭކަމަށް ކަނޑައަޅައިފައިވާ ބަޔާނެކެވެ. ރިޔާސީ ބަޔާން އިއްވަވާ ޖަލްސާތަކުގައި އިހުތިޖާޖު ކުރުންފަދަ ކަންކަން ކުރީ ސަރުކާރުތަކުގައި ވެސް ދިމާވެފައި ހުރުމާއެކު މިއަދުވެސް މަޖިލިސް ތެރޭގެ ހަމަނުޖެހުން ހިނގައިފާނެކަމަށް އެންމެނަށް ވެސް ގަބޫލު ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ، ރައްޔިތުންގެ މަޖިލިސް މިދައުރަށް ހުޅުވުމުގެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.