ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ މިލިޓަރީ ސިފައިން، މިއަަހަރުގެ މެއި މަހުގެ 10ގެ ކުރިން ރާއްޖެއިން ގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް 2024ގެ ރިޔާސީ ބަޔާން، އާދެ، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މި ދިވެހިއުއްމަތުގެ ހާލާއި މުސްތަގްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސަކަށް ވާނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ އަމިއްލަަވަންތަކަމާއި މިނިވަންކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ޑރ މުއިއްޒު މިއަދު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވީ މީގެ ގާތްގަނޑަކަށް ދެމަހާ ފޮއިދުވަސްކުރީން، 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ އެމަނިކުފާނާ ޙަވާލުވިއިރު، ދިވެހި ރައްޔިތުންނަށް ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމުގައެވެ.
ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް މިސަރުކާރަކަށް ތާއީދު ކުރީ ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާއި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް ކަމުގައި ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ އެންމެ މަތީ ވަލީއާ ޙަވާލުވުމާއެކު، މި މުހިންމު ޤައުމީ މަސައްކަތް އެމަނިކުފާނު ފަށްޓަވާފައިވާކަން ހާމަކުރެއްވުމާއެކުގައެވެ.
އެގޮތުން ދޭދޭ ގައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން ކަމުގައި ރައީސް ޑރ މުއިއްޒުވިދާޅުވިއެވެ.
"ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ،"
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިހާރު ރަސްމީ ހަމަތަކުގެ މަތީން ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިހުތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަ ދަންނަވާފައި ވާކަމަށެވެ. ގައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫ ނުދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ރިޔާސީ ބަޔާނަކީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ޙާލަތު ބަޔާންކޮށް، އިތުރަށް ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ރޭވިފައިވާ ކަންކަމާއި ތަސައްވުރުތަކުގެ މައްޗަށް އެކުލެވޭހެން އިއްވަންޖެހޭ ބަޔާނެކެވެ.