ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފަށައިފިއެވެ.

24 މެންބަރުންނާއެކު ފަށާއިފައިވާ މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.

މަޖިލީހުގެ މެޖޯރިޓީ މެންބަރުން ވަނީ މި ޖަލްސާ ބޮއިކޮޓު ކޮށްފައެވެ. ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ މި ޖަލްސާގެ ބޮއިކޮޓުކުރަން އިދިކޮޅުން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) ފިޔަވައި އެހެން މެންބަރަކު، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވެރިކަންކުރާ ކޯލިޝަނުގެ މެންބަރުންވަނީ ގޮވާލާފައެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހިވަޑައިގަންނަވާނެއެވެ.