ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ފަރާތުން ދިވެހިހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާދޭ އަދި ފަހުދިހައެއް އަޅުކަމަށް ބާރުއެޅުމަށްޓަކައި ސަރުކާރު ބަންދުވާ ފުރަތަމަ ރޯދަމަހަކަށް މި އަަހަރުގެ ރަމަޟާން މަސް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް މިހިނގާ 2024ވަނަ އަހަރުގެ ފުރަތަމަ އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ވާނީ ފުރަތަމަ ފަހަރަށް ދިވެހި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާދޭ ރަމަޟާންމަހަށްކަން ފާހަގަކުރެއްވުމާއެކު ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ރޯދަ މަހުގެ ފަހު ދިހައެއް އަޅުކަމާއި ހެޔޮއަމަލުތަކަށް ބާރުއެޅުމުގެ ގޮތުން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ހަމަަޖައްސާ ދީފައިވާ ކަމުގައެވެ.

ހަމައެހެންމެ މިއަހަރު އަންނަ ފިތުރު އަޟްހާ އީދާއި އަދި މިނޫން އިސްލާމީ މުނާސަބާތަކާ ގަޤައުމީ މުނާސަބާތައްވެސް ދީނީ އަދި ގައުމިއްޔަތުގެ އެންމެފުރިހަމަ ރޫހާއި އުފާވެރިކަމާއި އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން ފާހަގަކުރައްވާނެ ކަމުގައި ރައީސް ޑރ މުއިއްޒު ވަނީ މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިންގުނަ އިތުރުކުރައްވާފައިވާކަމަށާއި މިވީ ސަރުކާރާ ހަވާލުވެވަޑައިގެން މިވީ މަދު ދުވަސްކޮޅު ތެރޭ މުޅީން އަލަށް ހަ މިސްކިތެއްގެ މަސައްކަތް ހަވާލުކުރައްވާފައިވާ ކަމަށާއި އަދި ޕީ.އެޗް.ޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ރޭވިފައިވުމުގެ އިތުރުމް ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަޤީރުން މި ދައުރުގައި ޙައްޖުވުމުގެ ފުރުޞަތު ސަރުކާރުގެ ޚަރަދުގައި ދެއްވަވާނެކަމަށްވެސް ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމައެހެންމެ މި އަހަރުތެރޭގައި ފަންސާސް ފަގީރުންނަށް ހައްޖުގެ މަތިވެރިއަޅުކަމުގެ މި ފުރުސަތު ލިބިގެންދާނެކަމަށާާއި ޒަކާތަށްދޭ އަހައްމިއްޔަތު އިތުރުކުރަން، ވަކި އޮފީހެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގާއިމުކޮށްފައިވާކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.