ފަސް އަހަރުގެ މިދައުރު ނިމޭއިރު އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ހައްލުކުރަން އެމަނިކުފާނު ވެވަޑައިގެންފައިވާ މައްސަލަތަކުގެ ތެރެއިންވެސް ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ޤަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްޤެއް ކަމަށާއި، އަދި އެއީ އަސާސީ ޙައްޤެއްވެސްމެ ކަމުގައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަކުރާރުކޮށް އެމަނިކުފާނު ދެންނެވި ފަދައިން، ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އެންމެ އިސްކަމެއް ދެއްވާނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ޙައްލުކޮށް ދިނުމަށް ކަމުގައި ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

"ހައްލުކުރަން އަޅުގަނޑު ވައުދުވެފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް، ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން. މިއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްޤެއް. އަދި އަސާސީ ޙައްޤެއްވެސްމެ." ރައީސް ވިދާޅުވިއެވެ.

"ޤައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، ދެން އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ޙައްލުކޮށް ދިނުމަށް. އަޅުގަނޑުމެންގެ އަމާޒަކީ، 5 އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު އިރާދަކުރެއްވިއްޔާ ނުހުންނާނެކަން ޔަޤީންކުރުން.

މާލެ ސަރަޙައްދުގައި ގުޅިފަޅާ ގިރާވަރުފަޅުން ހިއްކަން ކުރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް އަޅުގަނޑުމެން ހިއްކާނަން. މާލެ ސަރަޙައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދެވޭނީ، އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއްގެ މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫޢާއެކު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ ތަރައްޤީ ވެގެންދާނީ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ "ސޭފް އައިލެންޑް ސްޓޭންޑަރޑް"އެއްގެ ގޮތުގައި ކަމަށާއި، އަދި "ނެޓް ޒީރޯ ކާބަން އިކޯ ސިޓީ"އެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި ކަމަށެވެ..