ބުރިޖްތަކާ ކޯޒްވޭތަކުން ގުޅުވައިގެން އާބާދުކުރެވެން ހުރި އެތައް ސަރަޙައްދެއް ހުރިކަމުން އެފަދަ ސަރަހައްދުތައް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި، އެކަން ކާމިޔާބުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޖަލްސާގައެވެ.

ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި، ބުރިޖުތަކާއި ކޯޒުވޭތަކުން ގުޅުވައިލެވޭނެ ސަރަހައްދުތަކުގެ ތެރެއިންވެސް އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުމުގެ މަސައްކަތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫއުތައް މި އަހަރު ފަށްޓަވާނެކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

އަދި ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފަށައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރާނަން. މިގޮތުން އެންމެ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ކުރިޔަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބްރިޖަކުން ގުޅުވައިލުން. ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމާ، ގޯތި ދޫކުރުމާ، ފްލެޓް ބިނާކުރުމުގެ މަޝްރޫޢުތައް މި އަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ވެސް ސަރުކާރުން މި އަންނަނީ ބަލަމުން." ރައީސް ވިދާޅުވިއެވެ.

ހިޔާ ފުލެޓުތަކުގެ 7000 ހައުސިންގ ޔުނިޓުގެ ފިނިޝިންގ ހަރަދު ފުލެޓުގެ އަގުން މިހާރުވަނީ އުނިކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހިޔާ ފުލެޓްތަކުގެ 7000 ހައުސިންގ ޔުނިޓްގެ ފިނިޝިންގ ހަރަދުގެ ގޮތުގައި 200،000ރ ކަމަށްބަލާ، ޖެނުއަރީ 2024 އިން ފެށިގެން 7 އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500ރ އިން 3984.21ރ އަށް ވަނީ ކުޑަކުރެވިފައިވާ ކަމަށާއި އަދި ވިނަރެސް ފުލެޓުގެ ޑައުންޕޭމެންޓުން 50 އިންސައްތަ ކުޑަކޮށް މަހު ކުލިން އެވްރެޖްކޮށް 4200ރ ވަނީ ކުޑަކުރެވިފައިވާކަމަށްވެސް ރައިސް ވިދާޅުވިއެވެ.

ގައުމު އާބާދުކޮށް ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއްއޮތް ކަމަކަށް ހެދުމަށްޓަކައި ވައުދުވެވަޑައިގެންނެވި ފަދައިން 20 އަހަރުދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މިއަހަރު އެކުލަވައިލައްވާނެކަމަށާއި މިކަން ކުރައްވާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން، ވީހައި ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.