ކެންސަރުބައްޔަށާއި ތެލެސީމިއާއަށް ހާއްސަ އަދި އަންހެނުންނާ ކުޑަކުދީންނަށް ޚާއްޞަ ހަސްފަތާލުތައް މި ދައުރުގައި މާލެ ސިޓީގައި ބިނާކުރާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ޤާއިމުކޮށްދޭނެ ކަމަށާއި، ރާއްޖޭގެ އެކި ސަރަޙައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގު ފަހިވާނެ ކަމަށެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް ލ. އަތޮޅުގައި ތަރައްޤީ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގު ފަހިވެގެންދާނެކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް ލ. އަތޮޅުގައި ތަރައްގީ ކުރެވިގެންދާނެ ކަމަށާއި އަދި ކެންސަރަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި، ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލަކާއި، އަންހެނުންނާ ކުޑަކުދީންނަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް މި ދައުރުގައި މާލެ ސިޓީގައި އިރާދަކުރެއްވިއްޔާ ބިނާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއްކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން. އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ. އަޅުގަނޑުމެންގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ޞިއްޙީ ފަރުވާތައް ހޯދޭނެ. އަދި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަދުވަހު އިންތިޒާރުކުރަން ނުޖެހި އިރާދަކުރެއްވިއްޔާ އަވަސް ޚިދުމަތް ލިބެން ފަށާނެ."
ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ޞިއްޙީ ފަރުވާތައް ހޯދޭނެ ކަމަށާއި، ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަދުވަހު އިންތިޒާރުކުރަން ނުޖެހި އަވަސް ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ.