އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭކަމަށާއި އަދި އެކަން ކުރަން ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ އެމަނިކުފާނުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި އެންމެބޮޑު ވައުދުފުޅަކީ ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ކުރި ތާއިދަކީ، ދިވެހިރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން ފޮނުވައިލުމަށާއި، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން މަޝްވަރާތައް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އެގޮތުން އެންމެފަހުގެ މަޝްވަރާތަކުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ރާއްޖޭގައި ގާއިމުވެފައި ތިބި 3 އޭވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް، 10 މާރިޗު 2024ގެ ކުރިން ގެންދާނެކަމަށާއި، ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އިންޑިއާއަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެކަންވެސް ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި، ބައިނަލްއަގަވާމީ ހަމަތަކުގެ މަތީން އަލުން އެދި، ވަކާލާތު ކުރެވޭނެ ގޮތްތައް ހޯދައި ދިރާސާކުރުމުގެ މަސައްކަތް، ތަޖްރިބާކާރުންގެ ޓީމަކުން މިހާރު ހަލުވިކަމާއެކު ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވެފައިވަނީ ގައުމު ދިފާއުކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލުކަން އެއްގަމާއި، ކަނޑާއި، ވައިގެމަގުން ވަރުގަދަކުރުމުގެ ތެރެއިން، ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ވަރަށް އަވަހަށް ދިވެހި ޢަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި، ގައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު ހިފަހައްޓަވާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން، ނުވަތަ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތުކަން ތަކުރާރު ކުރެއްވިއެވެ.