އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އަންހެނަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި ނަމަވެސް އަންނަ އަހަރު އެ މަސައްކަތްތައް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރު ވެސް މަސައްކަތްކުރެވިގެން ދަނީ. ވަރަށް އިސްކަންދޭ ކަމެއް އަޅުގަނޑުމެން.".
ރައީސް ވިދާޅުވިއެވެ

އެކަނިވެރިމައިންނަށް އިނާޔަތް ދޭން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ގެނައި ބަދަލުގެ ތެރޭގައި ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000ރ. ދެއެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު އިތުރުކޮށް 10،000ރ. ދިނެވެ.

ރައީސް ޑރ. މުއިއްޒު ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވަނީ މިހާރު ދޭ ޖުމްލަ އަދަދު 12،000ރ. އާ ހަމައަށް އިތުރުކޮށް ދެއްވާނެ ކަމަށެވެ.