ނިމިދިޔަ ސަރުކާރުން ދޫކުރި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި މެޑަމް ސާޖިދާ ގެންގުޅުއްވާ ލިސްޓަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ފަތުރާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް 104، ފާތިމަތު އާދަމް، އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފާތިމަތު އަދާމް ކުރި ސުވާލުގައި ބުނީ ގޯއްޗާއި ފްލެޓު ދިނުމުގައި މެޑަމް ސާޖިދާ، ލިސްޓެއް ގެންގުޅުއްވާ ކަމަށް ގޮތް ނޭނގޭ މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށާއި އަދި އޭނާ އެކަން ގަބޫލު ނުކުރާ ކަމަށާއި ނަމަވެސް ރައީސްގެ ފަރާތުން އެ މެސެޖް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ.

އެ ސުވާލުޖެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަންހެނުން ވިޔަސް، ރައްޓެއްސެއް ވިޔަސް، އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ ކަމަށެވެ.

''އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން'' .
ރައީސް ވިދާޅުވިއެވެ

މީގެއިތުރުން މިހާރު ނެރޭ ލިސްޓު ނޫނީ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.