އެއްހާސް ފަގީރުނިކަމެތިން، ސަރުކާރުގެހަރަދުގައި ހައްޖަށް ފޮވުނުމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިިވާ ގޮތަށް ސަރުކާރުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނެ އުސޫލު ހާމަ ކުރައްވައިފިއެވެ.

މިއުސޫލުތަކާއި ހަމަތައް ހާމަކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން އިއްޔެ ކޮށްފައިވާ ގެޒެޓެއްގައެވެ.

އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ޙައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" ގައިވާ ގޮތުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

މި އުސޫލުގެ ދަށުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދެވޭނީ ފަސް ޝަރުތެއް ފުރިހަމަވެގެން ކަމަށްވަނީ ހާމަކޮށްފައެވެ.

އެ ފަސް ޝަރުތަކީ:

  • ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވުން.
  • ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައި ނުވާ މީހަކަށް ވުން.
  • އެ އަހަރަކު އިއުލާންކުރާ އުމުރުފުރާގެ މީހަކަށް ވުން.
  • ހައްޖުގެ އަޅުކަން އާދަކުރެވޭނެ ސިއްހީ ހާލެއްގައި ހުރުން.
  • އެ އަހަރަކު ހައްޖަށް ގެންދާ މީހުން ހޮވުމުގެ ކުރިން މީލާދީ ގޮތުން 69 އަހަރު ފުރިފައި ނުވާ މީހަކަށް ވުން.

އިސްލާމިކު މިނިސްޓްރީގެ މިއުސޫލުގައި ހާމަކޮށްފައިވާ ގޮތުގައި ކޮންމެ އަހަރަކު ދައުލަތުގެ ފަރާތުން ހިލޭ ފަރުޟު ޙައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރެވެ. އަދި ހައްޖަށް ދިއުމަށްޓަކައި ކޮންމެ މީހަކަށްވެސް ދެވިގެންދާނީ ހަމަ އެންމެ ޖާގައެކެވެ.

ހަމަމިއާއެކު އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން މިއަހަރު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 50 މީހަކު ހައްޖަށް ފޮނުވާނެ ކަމަށެވެ.

"މި އުސޫލުގެ ދަށުން ހައްޖަށް ފޮނުވާނެ މީހުން ކަނޑައަޅާނީ މި ވުޒާރާއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ގުރުއަތުލުމަކުންނެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.