މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމަށް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދާ ރައްކާ ފަހިރާސްތާ ޕްރޮގްރާމް ތިނަދޫ ސިޓީގައި ފަށައިފިއެވެ.

މި މަހުގެ 4 އިން 9 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން އިންސްޕެކްޓަރ އޮފް ޕޮލިސް ތަލްހަތު އަހްމަދުއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވައި ތަލްހަތު އަހްމަދު ދެއްކެވި ވާހަކަ ފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމާއި ރައްޔިތުން ގުޅިގެން ކުރެވޭ މިކަހަލަ މަސައްކަތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ބާރެއްކަން ފާހަގަކުރެއްވިއެވެ. އަދި މަގުމައްޗަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމުގައި، ދުވެއްޔަށް ހާއްސަކޮށްގެން ސްޕީޑް ގަން ބޭނުން ކޮށްގެން ކޮންމެ ދުވަހަކު ކުރިއަށް ގެންދާ އެވެއާނަސް ޕްރޮގުރާމުގައި، ޓްރެފިކާ ގުޅުންހުރި މައުލޫމާތު ހިމެނޭ ލީފްލެޓް އާންމު ރައްޔިތުންނަށް ހަދިޔާކުރުމާއި އެއްގަމު އުޅަނދު ދުއްވާއިރު ހަމަ ކުރަންޖެހޭ ސްޓިކާތައް އުޅަނދުގައި ހަމަތޯ ބެލުމާއި ހާއްސަކޮށް ތުއްތު ކުދިން ގޮވައިގެން އުޅަނދު ދުއްވާއިރު ހާނަސް އެޅުމާއި ޝީޓް ބެލްޓުއެޅުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން އޯވަރސްޕީޑް ކުރުމުގެ ނުރައްކާތެރިކަން ބުނެދީ ގޯޅި އަޅާއިރު އުޅަނދުގެ ސްޕީޑު މަޑުނުކޮށް ދުއްވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މޮނީޓަރކޮށް އެގޮތަށް އެކަން ނުކުރުމަށް ނަސޭހަތްތެރިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވާއިރު، ސްޕީޑް ގަން ބޭނުންކޮށްގެން ބަލައި އޯވަރ ސްޕީޑްވާ މީހުންނަށް ހުއްޓުވައި ނަސޭހަތްތެރިވާނެއެވެ. އަދި ސްކޫލު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓާނެ ގޮތާއި އާންމުކޮށް މީހުން އެއްވާ ތަންތާގައި ވެހިކަލް ޕާކު ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ތިނަދޫ ސިޓީ ޕޮލިހާއި ސައުތު ޕޮލިސް ރީޖަން ގުޅިގެން ކުރިއަށް ގެންދާ ފަހިފަރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް ވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން، ތިނަދޫ ސްކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމް ވެސް ފަށައިގެން ކުރިއަށް އެބަގެންދެއެެވެ. މި ޕްރޮގްރާމްގައި ތިނަދޫ ސްކޫލުގެ 36 ދަރިވަރުން ބައިވެރިވެއެވެ.