އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވެސް މިއަދު ވިދާޅުވެފައިވަނީ ސިޓީގެ ޑެޕިޔުޓީ މޭޔަރުގެ މަޤާމުގައި ހުންނެވި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ، މުޙައްމަދު ޔަސްރިފް، އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފައިވާ ކަމަށެވެ.

ޑެޕިޔުޓީ މޭޔަރުގެ މަޤާމުގައި ހުންނަވައިގެން އައްޑޫ ސިޓީ ކައުންސިލަށާއި މުޅި އައްޑޫ ސިޓީއަށްވެސް ޔަސްރިފް ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައި ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ. އެހެން ކަމުން އަގުހުރި އެ މަސައްކަތްތައް ފާހަގަކޮށް، "އެމަނިކުފާނަށް މޭޔަރާއި ސިޓީ ކައުންސިލްގެ އެންމެހައި މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ޝުކުރު ދަންނަވަން،" ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

މުސްތަޤުބަލުގައިވެސް ޔަސްރިފަށް އުފަލާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މޭޔަރު ކަމުން ޔަސްރިފް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ އިސްތިއުފާ ދެއްވީ އެހެން ވަޒީފާއަކަށް ދިއުމަށް ކަމަށެވެ.