ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކޮޅުމަޑުލު ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުރައިދުއަށް ޒިޔާރަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވަކި ތަރުތީބަކުން ރައްޔިތުން އެންމެ އިސްކަންދޭ ކަންކަމަށް ބައްލަވައިގެންކަމަށެވެ. އެގޮތުން ގުރައިދޫ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ފަދައިން އެރަށުގެ އެއާޕޯޓު އެޅުމުގެ މަޝްރޫޢު މިއަހަރު ފެށުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، ރަށުގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވަނީ އެއާޕޯޓުކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާކަމުގައި ވިދާޅުވެ، މަސްވެރިންނަށް ބާނާ މަހުގެ އަގު ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވިއެވެ. އަދި ޒުވާނުންނަށް ކުޅިވަރުކުޅުމަށް އިތުރު ފެސިލިޓީސް ބޭނުންވާކަމަށާއި، ރަށުގައި މަގުތައް ހަދަން ޖެހިފައިވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވިއްސާރަ ދުވަސްވަރު މަގުތައް ނުހެދި ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވައި، ވިއްސާރަ ދުވަސްވަރު ސްކޫލް ކުދިން ދަތުރުކުރުމަށް ބަހެއް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ކައުންސިލުން ވަނީ ރަށުގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ބަޖެޓާއި މުސާރައިގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް އެދިވަޑައިގެންފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އެމަނިކުފާނު ކަންތައްތަކެއް ކަނޑައަޅުއްވައި، އިއްޔެގެ ރިޔާސީ ބަޔާނުގައިވެސް އެކަން ފާހަގަ ކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.