މިއަހަރުގެ ކުރިއަށް އޮތީ އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ އަދި ހައްސާސް ދުވަސްވަރަކަށް ވެގެންދާނެ ދެތިން މަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ގުރައިދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިވާހަކަފުޅުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ހަވާލު ކުރީ ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދެއްކަން ފާހަގަކުރައްވައި، ރައީސް ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ އިގްތިސާދުގެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ރަށް ރަށުގައި މަޝްރޫއުތައް ފަށަން ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކިތަންމެ ބޭނުންފުޅުވީ ނަމަވެސް ރާއްޖޭގެ އިގްތިސާދު ދުވަހަކު ވެސް ނުވެއްޓޭ ވަރުގެ އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. އަދި އެކަމުން އަރައިގަނެ، ގައުމު ކުރިއަށް ގެންގޮސް އިގްތިސާދީ ގޮތުން ރައްޔިތުންގެ ޖީބަށް ފައިދާވާ ގޮތަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރެވޭނެ މަގު ހޯދަން މަސައްކަތް ފަށްޓަވާފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
ވާރުތަވީ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ލޯކަލް ގަވަނަންސް މިނިސްޓްރީ އާއި ކައުންސިލާއި ދާއިރާގެ މެމްބަރުން ގުޅިގެން ރައްޔިތުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. ހަމަމިއާއެކު ކުރިއަށްމިދާ ދުވަސްވަރަކީ އާމްދަނީ އިތުރުކޮށް، އިގްތިސާދު ވަރުގަދަކުރަން ޖެހިފައި އޮތް ހައްސާސް ވަގުތެއްކަން ތަކުރާރުކޮށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަސައްކަތްކޮށްފިނަމަ، ދެވަނަ ކުއާޓަރުން ފެށިގެން މާ ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
"ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް ކިރިޔާ ވެސް ސަލާމަތުން އޮތީ. އެހެންވީމަ އެ ކުންފުނިތައް ވެސް ހަމަ މަގަށް އަޅުވައިގެން، އެއީ ރައްޔިތުންގެ ކުންފުނިތައް. ސަރުކާރު 100 ޕަސެންޓް ހިއްސާވާ ގޮތަށް މި ހުންނަނީ ރައްޔިތުންގެ ކުންފުނިތައް. މި ތަންތަން ހަމައަކަށް އެބަ އަޅުވަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.
އިންތިހާބެއް ކުރިއަށް އޮތުމާއެކު، މިއީ ހަގީގަތް ނޫން ކަމަށް ބަލާ ކުރީގައި އާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފިނަމަ ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށާއި އޭގެ ބަދަލުގައި ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.