ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކޮޅުމަޑުލު މަޑިފުށި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ނިމިދިޔަ ސަރުކާރުގެ އެއްވެސް މަޝްރޫޢެއް ނިންމާފައި ނުވުމާއި، މަޝްރޫއުތަކުގެ ފެންވަރުދަށްކަމާއި، އެއްވެސް ރޭވުންތެރިކަމެއްނެތި ކަންކަން ފަށާފައިވުމެވެ. އެހެންކަމުން އެ މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަވައި އެކަންކަން ފުރިހަމަކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ތ. މަޑިފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިއްހީ މަރުކަޒުން ލިބޭ ހިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައެވެ.