ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ޔުގަންޑާގެ ކެމްޕާލާއަށް، މިދިޔަ މަހުގެ 17 އިން 23އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ހިސާބުތަކުން ނައިބުރައީސްގެ މި ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ދައްކަނީ 983،032.13 ރުފިޔާ އެވެ.

ނައިބު ރައީސްގެ ޔުގަންޑާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ޖުމުލަ 10 ބޭފުޅުންގެ، ބިޒްނަސް ކްލާހުގެ ތިން ޓިކެޓާއި އިކޮނަމީ ކްލާހުގެ ހަތް ޓިކެޓަށް ހޭދަވެފައިވަނީ ޖުމުލަ 650،847.36 ރުފިޔާ އެވެ. ހަމައެހެންމެ އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް 10 ބޭފުޅުންނަށް ޕޮކެޓު މަނީގެ ގޮތުގައި 95،232 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި ދަތުރުފުޅުގައި ދެ ބޭފުޅަކަށް ޔުގަންޑާގެ ސަރުކާރުން މެހުމާންދާރީ ހަމަޖައްސައިދެއްވިކަމަށާއ އިތުރު ދެ ބޭފުޅަކަށް އެކަމަޑޭޝަން ހަމަޖައްސައިދެއްވިކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

ނައިބު ރައީސް ޔުގަންޑާއަށް ވަޑައިގަތީ 120 މެންބަރު ގައުމު ހިމެނޭ ނޮން އެލައިންޑް މޫވަމަންޓު (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.