ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަމަށާއި، ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުއްޓިފައިހުރި މަޝްރޫޢުތަކާއި އަދި ކުރިއަށްހުރި ހުރިހާ މަޝްރޫޢެއްވެސް މި ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އެހެންކަމަށްވިޔަސް މިހާރު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވައިލަން ޖެހޭކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އެގޮތަށް ތަރުތީބުކުރެވުމުން އެރަށުގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން މިއަހަރުގެ ތެރޭގައިވެސް ފެށޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު ދިޔަމިގިލީ ކޯޒްވޭގެ މަސައްކަތްވެސް ހަޤީޤަތަކަށް ހެދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ސަރުކާރުގެ ހަފުތާ 14ގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރު 9 ހަފުތާގައި ހިމެނޭ ހުރިހާ ކަމެއް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެގޮތަށް ހަފުތާ 14ގައި ހިމެނޭ ހުރިހާ ކަމެއް، ދުވަސްހަމަވުމާ ހަމައަށް ފުރިހަމަ ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތިންދުވަހުގެ ދަތުރުފުޅެއްކަމަށް މިއަދު ރައީސް ތ. އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.