އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ހަމާއި މަހާއި ކަށިތަކާއި ލޭގެ މައްޗަށް ބަރޯސާވެ ގުޅިފައިވާ މެޝިނެއްގެ މިސާލުގައެވެ!

އަހަރެމެން އިންސާނުންގެ ހަށިގަނޑަކީ ނުހަނު ހައިރާން ކުރުވަނިވި ފުރިހަމަ އުސޫލަކާއި ހަމަތަކަކަށް އުފައްދަވާފައިވާ އަޖައިބުކުރުވަނިވި އެތައްކަމެއްގެ މައްޗަށް ބިނާވެފައިވާ "މެޝިނެކެވެ."

މި މެޝިން އުފެދިފައި ހުންނަނީ އޭގައިވާ އެތައްކަމެއް އެޔަކަށް ބިނާވާ ހަމާއި މަހާއި ކަށްޓާއި ނާރުތަކުގެ އިތުރުން ފެނާއި ލޭ އެކުވެގެންނެވެ. މިދެންނެވި ހަމާއި މަހާއި ކަށްޓާއި ނާރުތަކާއި ފެނާއި ލޭ އިންސާނާގެ ހަށިގަނޑުގައި އެތުރިފައިވަނީ ބޯލްޓާއި އިސްކުރު ހަރުކޮށް ބާރުކޮށް، ލެނބި ހެލިފެލިވުމަށް ހުޅުތައް ލައްވައި ހައިރާންވާހާ ފުރިހަމަ ގަވާއިދަކަށެވެ.

ހަށިގަނޑު އެތުރިފައިވާ މި ފުރިހަމަ އުސޫލުތައް އެއަށް ބަރޯސާކުރުވާ ކަށިތަކާއި ކަށިތައް ގުޅުވާ ބަދަތަކާއި ލޭ ދަތުރުކުރުމަށް ލައްވާފައިވާ ހޮޅިތަކާއި އޭގެ މަސައްކަތް ކުރުމަށް އެހޮޅިތަކުގެ ތެރެއިން ދަތުރުކުރުވާފައިވާ ކުދިކުދިލޭ ނާރުތަކުގެ މައްޗަށެވެ.

މިހަށިގަނޑުގައިހިމެނޭ ކަށިތަކާއި ނާރުތަކަށް ދިމާވާ އެންމެ ކުދި މައްސަލައަށްވެސް ސަމާލުކަން ދޭންޖެހޭ ސަބަބަކީ މިއީ އެންމެ ނާރަކަށް ނުވަތަ އެންމެ ކަށްޓަކަށް ވާ ގެއްލުމުގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެތީއެވެ. އަހަރެމެން އިންސާނުންގެ ހަށިގަނޑަކީ އެކަތި އަނެކައްޗާ ގުޅި ލާމެހި އެކަތި އަނެކައްޗަށް ބަރޯސާ ވާ އުސޫލުން ގުޅާލެވިފައިވާ އެއްޗަކަށް ވާތީއެވެ.

ޓުރެޓްސް ސިންޑްރޯމް: ޓިކްސް އަކީ ކޮބާ؟

ޓުރެޓްސް ސިންޑްރޯމް ނާރުތަކަށް ދިމާވާ މައްސަލައެކެވެ. މި ޑިސްއޯޑާގެ ސަބަބުން މީހާގެ އުޅުމަށާއި މީހާގެ ހަރަކާތްތަކަށް އަންނަ ބަދަލު އަންނަ ގޮތް ދިމާވެއެވެ. އެ ކަމުގެ ސަބަބުން ކުއްޖާއަށް އިހްތިޔާރުން ބޭރުގައި އެކި ހަރަކާތްތައް ކުރެވި އިހްތިޔާރުން ބޭރުގައި އަނގައިން އެކި ކަހަލަ ބަސްތައް ނުކުމެއެވެ.

އާންމުކޮށް މި ޑިސްއޯޑާ ފެނިގައި ވަނީ ފިރިހެނުންގެ ކިބައިންނެވެ. ޓުރެޓްސްގެ ސަބަބުން މީހާއަށް އިހްތިޔާރުން ބޭރުގައި ކުރެވޭ ހަރަކާތްތަކަށް ކިޔާ އުޅޭ ނަމަކީ ޓިކްސް އެވެ. ކޮންމެ މީހެއްގެ ޓިކްސް ތަފާތުވެ މި ޑިސްއޯޑާގެ ސަބަބުން ބައެއްފަހަރު އަނގައިން ނޭދެވޭ ބަސްތައް ބޭރުވާ ފަހަރުވެސް އާދެއެވެ.

މޯޓަ ޓިކްސް

ޓުރެޓްސްގެ ވައްތަރުތަކުގެތެރޭ ހިމެނޭ މޯޓަ ޓިކްސް އަކީ ނޭނގި މީހާއަށް ކުރެވޭ ހަރަކާތްތަކެވެ. މޫނު، ކަރު، އަނގަ، ބޯ، ލޯ، ކޮނޑު އަދި ފައިގެ ހަރަކާތްތަކަށް އަންނަ އިތުރު ހަރަކާތްތަކަށް ކިޔަނީ މޯޓަ ޓިކްސްއެވެ

މިސާލަކަށް އަތްޖެހުން، ލޯ މެރުން، ދަތް އެޅުން އަދި އިސްތަށިގަނޑަށް ދެމުން ހިމެނެއެވެ. މޯޓަ ޓިކްސް އަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އަމިއްލަ އަށް ކުރެވޭ ހަރަކާތްތައް އަލުން ތަކުރާރުކުރެވި އެހެން މީހުން ކުރާ ކަންތައްތައް ނަކަލުކޮށްލުމެވެ.

ވޯކަލް ޓިކްސް

ދެން މިހިމެނޭ ވޯކަލް ޓިކްސް އަކީ އިހްތިޔާރުން ބޭރުގައި މީހާއަށް ލެއްވޭ އެކި ކަހަލަ އަޑުތަކެވެ. އެކިބަސް ބަސް ކިޔުން، ރާގު ލައްވާލުން އަދި ހަޅޭއްލެވުން ހިމެނެއެވެ.

ވޯކަލް ޓިކްސް އަކީ އަމިއްލަ މީހާ އަށް ކިޔޭ ބަސް ނުވަތަ ޖުމްލަ ތަކުރާރުކޮށް ކިޔުމެވެ. އަދި އެހެން މީހެއްގެ ބަހެއް ނޫނީ ޖުމުލައެއް ނަކަލުކޮށްގެން ކިޔުންވެސްހިމެނެއެވެ.

މިއީ ހަމަ އާދައިގެ ކަމެކޭ ހީވެދާނެއެވެ، އެކަމަކު ނޫނެކެވެ، މިއީ އާދައިގެ ކަމެއް ނޫނެވެ، އެހެނީ މިއިން އެއްވެސް ކަމެއްގައި އަމިއްލަ ބާރެއް ނުވަތަ އިހްތިޔާރެއް ނޯންނާނެތީއެވެ.

ޓިކްސް އުފެދެނީ ކޮން އުމުރެއްގައި؟

މި ޓިކްސް އުފެދެނީ އާންމުގޮތެއްގައި ކުއްޖާގެ އުމުރުން 2 އާ 18 އަހަރާ ދެމެދުގައެވެ. ނަމަވެސް އާންމު ދިރިއުޅުމަށް އަންނަ ބަދަލުގެ ސަބަބުން ޓިކްސް އައުމަކީ ޓުރެޓްސް އަށް ޑައިގްނޯސް ވުމެއް ނޫނެވެ.

ދިރިއުޅުމުގައި ސްޓްރެސްވެ، އިމްތިހާނެއް ކުރިއަށް އޮތުމުން ހާސްވެ ކަންބޮޑުވެއްޖެ ނަމަ ބައެއް ހާލަތްތަކުގައި ޓިކްސް އާދެއެވެ. ހަމައެއާއެކު އެންޒައިޓީ ޑިސްއޯޑާ ހުންނަ މީހުންނަށްވެސް ޓިކްސް އައުން އެކަށީގެންވެއެވެ.

ޓުރެޓްސް ދާއިމީ ޑިސްއޯޑާއެއް ނަމަވެސް ސިކުނޑީގެ ބައްޔެއް މޫނެވެ!

ވޯކަލް ޓިކްސް އާއި މޯޓަޓިކްްސް، މިދެ ވައްތަރުގެ ޓިކްސް އަކީ ޓުރެޓްސްގެ ސަބަބުން ދިމާވާ ކަންކަމެވެ.

މިއީ ދާއިމީ ޑިސްއޯޑާއެކެވެ. ހަރަކާތްތައް ކޮންޓްރޯލް ކުރުމަށް ބޭސް ދެވުނަސް ޓިކްސް އެއްކޮށް ފިލައިގެން ނުދެއެވެ.

ނަމަވެސް ޓުރެޓްސް އަށް ޑައިގްނޯސް ވާނީ ޓިކްސް އުފެދޭތާ އަހަރެއްތެރޭ މަދުވެގެން އެއް ވޯކަލް ޓިކް އައުމުންނެވެ.

މި ޑިސްއޯޑާގެ ސަބަބުން މީހާގެ ސިކުނޑިއަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ. މިއީ ހަމައެކަނި ބޭރަށް ފެންނަ ހަރަކާތެކެވެ.

(މައުލޫމާތު: ޓުރެޓްސް ސިންޑްރޯމް ހެލްތު ލައިން/ އެޕްރޫވަލް ޑރ އާޝާ އޮސްމަނިގް)