ގދ. މަޑަވެލީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިހެން ވިދާޅުވީ މަޑަވެލީ ކައުންސިލު މެންބަރުންނާ މިއަދު ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގދ. މަޑަވެލި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ބިމުގެ ދަތިކަމުގެ ސަބަބުން ހުރި ގޮންޖެހުންތަކާއި، ބަނދަރުގެ ޖާގަ ދަތިވުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނުނިމި ހުރުމާއި، މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ސްކޫލުގައި އެކަށީގެންވާ ވަރަށް ކުލާސްރޫމްތައް ނެތުމާއި، ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭތީ ކުރިމަތިވާ ދަތިތައްވެސް ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި، ސަރުކާރުން އަދި އެމަނިކުފާނުވެސް ބޭނުންފުޅު ވަނީ ރައްޔިތުންނަށް ދަތިވާ މުހިންމު ކަންކަން ޙައްލުކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ގދ. މަޑަވެލީގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެސް މުހިންމު ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދަވާނީ ރައްޔިތުންނާ މަޝްވަރާ ކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އަދި ހަމަމިއާއެކު ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ވުޒާރާ އަދި އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.