ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛް އިސްމާއީލް ވިޝާމްގެ ހަނދާނުގައި އެ ކައުންސިލުން ހުޅުވި ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު މިއަދު ސޮއިކުރައްވައިފިއެވެ.
މި ދަފުތަރުގައި ސޮއި ކުރައްވައި ނައިބު ރައީސް ވިދާޅުވީ ވިޝާމްގެ ކުއްލި ވަކިވެވަޑައިގަތުމަކީ ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށާއި ޤައުމަށް ވެސް ލިބުނު ފަނޑުކަމެއް ކަމަށެވެ.
ވިޝާމަކީ ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާ ކުރިއަށް ގެންދިއުމުގައި އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެ ކައުންސިލްގެ ހިންގުން ހަރުދަނާ ކުރައްވައި، ޤާނޫނީ ފަންނުވެރިންގެ ލޯތްބާއި އިހުތިރާމް ހޯއްދާވާފައިވާކަމަށެވެ.
ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރުން މިމަހުގެ 8ވާ ބުރާސްފަތި ދުވަހާ ހަމައަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ގްރައުންޑް ފްލޯގައި ކުރިއަށްދާނެއެވެ. ސޮއިކުރުން އޮންނާނީ ހެނދުނު 9:00 އިން މެންދުރު 2:00 އާ ހަމައަށް ކަމަށް ބާ ކައުންސިލުން ވިދާޅުވެއެވެ. އަދި މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ބާ ކައުންސިލްގެ އޮފީހުގައިވެސް ތައުޒިޔާ ދަފްތަރު އޮންނާނެ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.
އިސްމާޢީލް ވިޝާމް އަވާހަރަވީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ވިޝާމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޝަރުއީ ދާއިރާ އަދި ޤާނޫނީ ދާއިރާގެ އިސް ބޭފުޅުންވެސް ވަނީ ވިޝާމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ވިޝާމް އަވަހާރަވުމަކީ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއް ކަމަށާއި ގެއްލިގެން ދިޔައީ ޚިދުމަތްތެރި ޒުވާން، ތަޢުލީމީ ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.