އިންޑިއާގައި ސީޕްލޭން ހިދުމަތް ފޯރުކޮށްދިނުމަށް އެގައުމަށް ދިޔަ މޯލްޑިވިއަންގެ ދެވަނަ ކްރޫ ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ސްޕައިސް ޖެޓުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަށް ދިޔަ މޯލްޑިވިއަންގެ ދެވަނަ ކްރޫ ރާއްޖެ އައިސްފައިވަނީ މިއަދު އެވެ.

އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ވައިގެ ދަތުރުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ސީޕްލޭން ހިދުމަތާއި އިންޑިއާގެ ފުރަތަމަ ވޯޓާ އެރޯޑްރޯމް ކެވާޑިއާގައި އިފްތިތާހު ކުރެއްވުމަށްފަހު، މޯލްޑިވިއަންގެ ދިވެހި ކްރޫއިން ސްޕައިސްޖެޓަށް އޮޕަރޭޓުކޮށްދިން ސީޕްލޭން ފްލައިޓުގައި ބޮޑުވަޒީރު މޯދީ ދަތުރު ފެއްޓެވީ ގުޖުރާތު ސްޓޭޓުގެ އަހްމަދުއާބާދުގައި ހުންނަ ސަބަރުމަތީ ކޯރުގައި ގާއިމުކުރި އެރޯޑްރޯމަށެވެ.

ސީޕްލޭން ހިދުމަތް ފެށުމަށް ސްޕައިސް ޖެޓުން ވަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ލީޒްކޮށްފައެވެ.