ދިވެހިރާއްޖޭގެ އިގްތިސާދީ މިސްރާބު މިހާރު ރަނގަޅުކަމަށް ވަރލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާކަން ފާހަގަކުރައްވަައި ރައީސް ވިދާޅުވީ ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަޤްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަން ފާހަގަކުރެއްވިއެވެ. އަދިހަމަމިއާއެކު ރިޔާސީ ކެމްޕެއިންގައި ހުށަހެޅުއްވި އިޤްތިޞާދީ މެނިފެސްޓޯ ރައްޔިތުން ބަލައިގަންނަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ދާދިފަހުން އައި.އެމް.އެފް އަދި ވަރލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިޤްތިޞާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށާއި، އަދި އެކަމަށް އެބޭފުޅުން އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.