ގޯއްޗާއި ފްލެޓް ނުދީފިނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ބާލާނެކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބޮންޑެ ވިދާޅުވީ މާލެއަށް ރާއްޖޭގެ އެކި އަތޮޅުތަކުން އައިސް ތިބި އެތައްބަޔަކު ވަންނާނެ ތަނެއް ނެތިފައި އެބަތިބި ކަމަށާއި ނަފްސާނީ މައްސަލަތަކާއި މަސްތުވާތަކެއްޗާއި އިޖްތިމާއީ ހުރިހާ މައްސަލައެއްގެ އަސްލަކީ ވެސް ދިރިއުޅެވޭނެ ތަނެއް ނެތުން ކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި އެމްއެންޑީއެފާއި ޑިޒާސްޓާ މެނޭޖްމެންޓާއި ގުޅިގެން ދިރިއުޅޭނެ ތަން ހޯދައިދީ މިކަން ހައްލު ކުރުމަށް ބަލާފައިވާ ކަމަށާއި ރައީސް މުއިއްޒު އުޅުއްވަނީ ގޯއްޗާއި ފްލެޓް ނުދޭން ކަމަށް ބޮންޑެ ވަނީ ތުހުމަތު ކުރައްވައިފައެވެ.

އަދި ގޯއްޗާއި ފްލެޓް ނުދީފިނަމަ އެންމެން އެކީ ނިކުމެ ރައީސް މުއިއްޒު ވެރިކަމުން ބާލާނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ މިކަން ކުރާށޭ. ނުކޮށްފިނަމަ ހަމަ ކުރީ ސަރުކާރުހެން މުއިއްޒު ވެރިކަމުން ބާލާނަމޭ. މިއީ ސީރިއަސްކޮށް ދައްކާ ވާހަކައެއް"
ބޮންޑެ ވިދާޅުވިއެވެ.