އައްޑޫ ސިޓީގައި ޢިމާރާތް ކުރަމުންދާ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ގެ ފިނިޝިން މަސައްކަތް އަވަސް ކުރުމަށް އިންޑިއާއިން އިތުރު 250 މީހުން އައްޑޫ ސިޓީއަށް ގެންނަން ނިންމައިފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މި މީހުން އައްޑޫސިޓީއަށް ގެނައުމަށް ހަމަޖެހިފައިވަނީ އެކިފަހަރު މަތީންނެވެ. ފުރަތަމަ ގެންނަ މީހުން އަންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެދުވަހު 60 އަށް ވުރެ ގިނަ މީހުން އަންނާނެއެވެ. އަންނަ އާދީއްތަ ދުވަހު އިތުރުބައެއް އަންނާނެ ކަމަށް ވެސް އެނގިފައިވެއެވެ. މި މީހުން ކަރަންޓީނުވާން ނިންމާފައިވަނީ ގަމުގައި ހުންނަ ދޫގަހުގައެވެ.

ފުރަތަމަ ގެންނަ މީހުންގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު އެމީހުންގެ ޙާލަތަށް ބެލުމަށްފަހު އަނެއްކާ ވެސް އިތުރު މީހުން ގެނެސް 250 މީހުން ހަމަކުރާ ގޮތަށް ހަމަޖެހިފައެވެ.

މިހާރު ވެސް އެތަނުގެ މަސައްކަތުގައި 200 އަށްވުރެ ގިނަ އިންޑިއާ މީހުން ޙަރަކާތްތެރިވަމުން ގެންދެއެވެ. މި ސެންޓަރުގެ މަސައްކަތް މިއަހަރު މާރިޗު މަހަށް ނިންމުމަށް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕޮލިސްކޮމިޝަނަރު ކުރިން ވަނީ ވިދާޅުވެފައެވެ.