ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ރެއާލް މެޑްރިޑަށް ގެނައުމުގެ މަސައްކަތް ރެއާލުން ފަށައިފިއެވެ.

އުމުރުން އެންމެ 16 އަހަރުގެ ޔަމާލް ގެނައުމަށްޓަކައި ރެއާލުން ވަނީ ޔަމާލުގެ ބައްޕައާއި މަޝްވަރާތައް ފައްޓާފައެވެ. ޔަމާލުގެ ބައްޕައަކީ ފާޅުގޮތެއްގައި ރެއާލަށް ސަޕޯޓު ކުރާ މީހެއް ކަމުން ޔަމާލުގެ ސޮއި ޔަގީންކުރެވުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޕެއިންގެ މީޑިއާއެއް ކަމަށްވާ އެލްނޭސިއޮނަލް ވަނީ ހާމަކޮށްފައެވެ.

ބާސެލޯނާގެ ފުރަތަމަ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޔަމާލަކީ ފުޓުބޯޅަ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އެެއް ކުޅުންތެރިޔާއެވެ. ޒުވާން ޔަމާލަކީ ލަލީގާގައި ލަނޑެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިޔާގެ އިތުރުން, ސްޕެއިންގެ ގައުމީ ޓީމަށް ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

ޔަމާލް މިވަގުތު ހުރީ 2026 ވަނަ އަހަރާއި ނިޔަލަށް ބާސާގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓްގައި ސޮއިކޮށްފައެވެ. ކޮންޓްރެކްޓް ހަމަވާއިރު ޔަމާލްގެ އުމުރުން އަދި ފުރޭނީ އެންމެ 18 އަހަރެވެ. ޔަމާލު ބާސާގައި ބަހައްޓަން ބޭނުން ކަމުގައިވާނަމަ ބާސާއަށް ފުރަތަމަ ޖެހެނީ އެކްލަބުގެ މާލީ ހާލަތު ރަނގަޅު ކުރާށެވެ. މާލީ ދަތިތަކުގެ މައްސަލަތަކަށް ކޮޅެއް ނުފެނިއްޖެ ނަމަ ޔަމާލު ދޫކޮށްލަން އެކްލަބަށް މަޖުބޫރުވުމަކީ އެކަށީގެންވާ ކަމެކެވެ.