ތަރައްގީއަށް މުހިންމު ކަންކަމުގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވާ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން އެއްބާރުލުން ދެއްވައި އެކަންކަން ކުރެވޭނެ ގޮތް ހަދައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވާހަކަފުޅުގައި ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެރަށެއްގެ ރައްޔިތުން އެންމެ އިސްކަންދޭ ކަންތައްތަކަށް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޮމަދޫ ސްކޫލުގެ ޖާގައިގެ ދަތިތަކާއި އަދި އެކަށީގެންވާ ފެސިލީޓީނެތުން ފަދަ ކަންކަން ހިމެނޭހެން އެންމެ އިސްކަމެއް ދެއްވާނީ ސްކޫލުގެ ހުރި ހުރިހާ މައްސަލައަކަށް ހައްލު ހޯދައިދެއްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނާ ނަރުދަމާގެ ނިޒާމާއި އަދި ޚާއްސަކޮށް ރަށުގެ ރައްޔިތުންގެ އިގްތިސާދީ ކުރިއެރުމަށް ކުރަންހުރި ކަންކަމަށް ސަރުކާރުން އިތުރު ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރަށުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށުން ރައްޔިތުންނަށް އިގްތިސާދީ މަންފާހޯދޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލަށް ލިބިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ އިގްތީސާސް ހާލަތު މިހާރު އޮތްގޮތުން ރަށްރަށުގެ ތަރައްގީގެ ކަންކަމުގެ އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވާލައިގެން ކުރިޔަށްދާންޖެހޭކަން ފާހަގަކުރައްވާ ދެއްކެވި ފާހަކަފުޅު އޮމަދޫގައިވެސް ތަކުރާރު ކުރެއްވިއެވެ.