އޭޝިއަން ކަޕުގެ ސެމީ ފައިނަލުގައި ގަތަރު އަދި އީރާނު ބައްދަލުކުރި މެޗު 3-2 އަކުން ކާމިޔާބުކޮށް, މުބާރާތުގެ ފައިނަލުގެ ޖާގަ ގަތަރުން ކަށަވަރުކޮށްފިއެވެ.
ގަތަރުގެ އަލްތުމާމާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އީރާނުންނެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 4 ވަނަ މިނެޓުގައި ސާދާ އަޒްމޫނެވެ. އަޒްމޫންގެ ލަނޑާއެކު ގަތަރުން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 17 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ގަތަރުގެ ޖާބިރު އަބްދުއްސަލާމެވެ. މެޗުގެ 43 ވަނަ މިނެޓުގައި އަކްރަމް އަފީފް ކާމިޔާބުކުރި ލަނޑާއެކު ގަތަރުން ފުރަތަމަ ހާފު ނިންމާލީ 2-1 އަކުން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި އީރާނުން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އަލިރެޒާ ޖަހަންބަޝްއެވެ. ނަތީޖާ ހަމަހަމަ ވުމާއެކު ދެޓީމުން ވެސް ވަނީ ލީޑު ނެގުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން 82 ވަނަ މިނެޓުގައި އަލްމޮއޭޒް އަލީ ކާމިޔާބުކުރި ލަނޑާއެކު ގަތަރުން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އީރާނުގެ ޝޮޖައޭ ހަލިޒަދޭއަށް ދެއްކި ރަތް ކާޑާއެކު އީރާނަށް މެެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިޔެއް މަދުކޮށެވެ.
މިމޮޅާއެކު ގަތަރުން ފައިނަލުގައި ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ގަތަރު ޖެހިޖެހިގެން ދެވަމަ ފަހަރަށް ތަށި ހިއްލާލުމުގެ އުއްމީދުގައި ފައިނަލަށް ނިކުންނާނީ 10 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުއެވެ.