މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.
ކޮވިޑާ ގުޅިގެން ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާ އަށް މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފަތިހު 4:30 އަށް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.
މީގެ އިތުރުން ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑްގެ ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ ކޮވިޑްގެ ގޭސްތައް އާދަޔާ ޚިލާފަށް އިތުރުވަމުންދާތީ އެވެ. މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ 2000 އާ ގާތް ކޮށްފަ އެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ 200 އާ ގާތް ކޮށްފަ އެވެ.
މީގެއިތުރުން ސަރުކާރު އޮފީސްތައް ބަންދު ކުރުމަށް ވެސް މިހާރު ވަނީ ނިންމާފަ އެވެ. އަދި ދެ ހަފްތާ ވަންދެން ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ސްކޫލްތައް ބަންދެއް ނުކުރެ އެވެ.
މީގެއިތުރުން ޕާކްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.