ތ. ގާދިއްފުށީގައި މިހާރު ހުއްޓިފައިހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކޮޅުމަޑުލު ގާދިއްފުށީ ފެނަކަ އޮފީސް ޢިމާރާތުގައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ސްކޫލުގެ ޢިމާރާތާއި، ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ފާހަގަކުރައްވާ، އެކަންކަން ޙައްލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ބިމުގެ ދަތިކަމާއި، ރަށުގެ ނެރު ފުންކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާކު، ރަށުގައި އޭ.ޓީ.އެމްގެ ޚިދުމަތް ފެށުމަށް ބޭނުންވާކަމަށާއި، ރަށުގައި ރަނގަޅު ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް ޞިއްޙީ މަރުކަޒުން ލިބޭ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.