ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ ފަރާތުން ކަޅުއޮށްފުއްމީގެ ނަކަލު އަލުން މަރާމާތުކުރަން ފަށައިފިއެވެ.
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް އުތީމު ތިންބެއިން ބެންނެވި އޮޑިކޮޅާ އެއްގޮތަށް ނަކަލުކޮށްފައިވާ އޮޑި ކަޅުއޮށްފުއްމި މީގެ ކުރިން އޮތީ އާރަށުގައެވެ. އެ ނަކަލު ދާދި ފަހުން ވަނީ މާލެ ގެނެސް ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދަށް ގެންގޮސްފައެވެ.
އަދި އާރްޑީސީގެ ފަރާތުން މިހާރު މި އޮޑީގެ މަރާމާތުގެ މަސައްކަތް ކުރަން ފަށާފައި މިވަނީ، ކަޅުއޮށްފުއްމި މާލެ ގެނެސް، ހާއްސަ ރަސްމިއްޔާތަކާއެކު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ރީތިކޮށް ބޭއްވުމަށް ނިންމާފައިވާތީއެވެ.
އާރްޑީސީން ހާމަކުރި ގޮތުގައޖި ކކަމަށާއި ކުރިއަށް އޮތް ތިން ހަފްތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެއެވެ.
ކަޅުއޮށްފުއްމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާނު ޢަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ.
އުތީމު މަހާރަދުން ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މަޢުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި އެ ވުޒާރާއިން ނިންމީ ކަޅުއޮށްފުންމި ގެނެސް އާންމުންނަށް ދައްކާލަން ދާރުލްއާސާރުގައި ބޭއްވުމަށެވެ.
މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ޤައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މަޢުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ 2 ޑިސެންބަރު 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ