ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށް ރައީސް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ދަތުރުފުޅުގައި ރައީސް ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގައި އެކިރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި މާލީ ދަތިކަމާއެކު ހުރިހާ ރަށެއްގެ ކައުންސިލުތަކުން ވެސް އެރަށެއްގައި މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރަން ބޭނުންވެފައިވާ އަދި އެންމެ އިސްކަންދޭ ކަންކަމުގެ ތަރުތީބެއް، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކަނޑައަޅައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އަދި އެމަނިކުފާނު ވަނީ ރާއްޖެއަށް އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށާއި ރާއްޖޭގެ އިގްތިސާދު ފުޅާކޮށް މާލީ ތަނަވަސްކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސަކަތްތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށާއި އިގްތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު މިދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކުގައި ފާހަގަކުރެއްވިއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ރައީސްކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.