އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގެ ގްރޫޕު އޭގެ އެއްވަނަ ބޭރުމަތި އެފްސީ ހޯދައިފިއެވެ. ބޭރުމަތި އެފްސީ އޭ ގްރޫޕުގެ އެއްވަނަ ހޯދާފައިވަނީ، ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ. އެގޮތުން މިއަދު ބޭރުމަތި އެފްސީ އާއި ފާހި ސްޕޯޓްސް ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 4-5 ގެ ނަތީޖާ އަކުންނެވެ. އެޓީމު ވަނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓު ވަނީ ހޯދާފައެވެ.

ބޭރުމަތި އެފްސީ އާއި ފާހި ސްޕޯޓްސް ބައްދަލު ކުރި މެޗުގެ ފުރަތަމަ ހާފު ފެށިގެން ކުރީ ކޮޅު ފާހި ސްޕޯޓްސް އިން ލީޑުނެގިއެވެ. އެޓީމަށް ލީޑު ނަގައި ޓީމުގެ ހުސެއިން ޝިފާޒް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ފުރަތަމަ ހާފު ފެށިގެން ބޭރުމަތި ޓީމުން އެހާ ރަނގަޅު ކުޅުމެއް ފެނިގެން ނުދިޔަ ނަމަވެސް އެޓީމުގެ އިބްރާހިމް ސާމީ ވަނީ އެޓީމަށް ފަރަޤު ކުޑަކޮށްދީފައެވެ. ފާހި ޓީމަށް ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކޮށްދިނީ، ޓީމުގެ ޒަޔާން ރިޔާޒުއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މިހާފުގައި ބޭރުމަތި ޓީމުގެ ދެ ކުޅުންތެރިއަކު 2 ލަނޑު ޖެހިއެވެ. އެގޮތުން ޝަމްވީލް ޤާސިމް (ބޮންޑާ) ގެ ރީތި ދެ ގޯލާއި، އަބްދުﷲ ރާއިޒްގެ ދެ ގޯލު ފާހަގަ ކޮށްލެވެއެވެ. މިކުޅުންތެރިންގެ ގޯލް ތަކާ އެކު ބޭރުމަތި ފުރަތަމަ ފަހަރަށް މެޗު ލީޑު ނެގިއެވެ. މެޗު ނިންމާލުމުގެ ކުރިން ފާހި ސްޕޯޓްސްގެ އަހުމަދު ލޫތު ނައީމް ވަނީ އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ފަރަޤު ކުޑަކޮށްދީފައެވެ. މިމެޗާ އެކު ގްރޫޕް އޭ ގެ މެޗުތައް ވަނީ ނިމިފައެވެ. މިއާ އެކު، ބޭރުމަތި ޓީމު އޭ ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ކުޅޭނީ ގްރޫޕް ބީ އިން 2 ވަނަ އަށް ދާ ޓީމަކާއެކުގައެވެ. ގްރޫޕް ބީ ގެ އެއްވަނަ ދެވަނަ ޔަޤީން ވެގެންދާނީ މާދަމާ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ ބައްދަލު ކުރާ މެޗުންނެވެ.