އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުމަށާއި ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ބ. އަތޮޅު ޕޮލިހާއި އޭދަފުށި ފޭލި ޖަމުއިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދިނުމުގެ ގޮތުން ދަރިވަރުންގެ އުމުރާ ގުޅޭ ތަފާތު މަސައްކަތްތައް ހަވާލުކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން، އިންޓަނެޓްގެ ރައްކާތެރިކަމާއި ނުރައްކާތެރިކަން އަދި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށާއި އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ. އަދި ދިމާވާ ކަންކަން ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.