މި އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުޟު 5 ނަމާދު ކަމަށާއި މަހުޝަަރުބިމުގައި ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދު އިއްވި ހުތުބާގައި ވަނީ އަދި އިސްރާއާއި މިޢުރާޖުގެ މަތިވެރި ހާދިސާގެ މައްޗަށް އަލިއަޅުވާ ލައި އެ ދަތުރުފުޅާއި ގުޅުންހުރި ގިނަ ކަން ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.
އެގޮތުން މި ހުތުބައިގައި ރަސޫލާގެ އަހުންކަމުގައިވާ ނަބީބޭކަލުންނާ އެކު އިމާމުވެ ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވި ކުރެއްވުމުން މި ޝައީރާގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެންދާ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. އަދި މިއީ ދީނުގެ ތަނބު ކަމަށާއި މަހުޝަރުގެ ބިމުގައި ހިސާބު ބެއްލެވޭ އިރު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާ ބެހޭގޮތުން ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ދާންމަތިކޮޅުގައި އޮންނަވައި އެންމެ ފަހުން އުއްމަތަށް ކުރެއްވި ވަސިއްޔަތުގައިވެސް ނަމާދަށް ރައްކާތެރިވުމަށް ވަނީ އަންގަވާފައެވެ.
މި ހުތުބައިގައި އިތުރަށް ވިދާޅުވީ ރޭގަނޑާއި ދުވާލު، ނެތިމޮށުމާއި، މީހުންގެ އަބުރާ ބެހުމުގައި ތިމާމެންގެ ވަގުތުތައް ހޭދަކުރާ މީހުން އިސްރާ އާއި މިއުރާޖުގެ ހާދިސާއިން އިބްރަތް ހާސިލްކޮށް އެފަދަ ފާފަތަކުން ދުރުހެލިވުމަށް އަޒުމު ކަނޑައެޅުމަށް ކަމަށެވެ.
އެގޮތުން އިސްރާއާއި މިއުރާޖުގެ މަތިވެރި ހާދިސާ އަކީ މާތް الله ކީރިތި ރަސޫލާ އަށް ދެއްކެވި މުއުޖިޒާތެއް ކަމަށާއި އެއީ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހެނެއް ކަމަށާއި އިސްރާ އާއި މިއުރާޖުގެ ހާދިސާއަކީވެސް ހިނގާފައިވާ ކަމެއްކަން ކީރިތި ގުރުއާނުން އަދި ކީރިތި ރަސޫލާގެ ސައްހަ ހަދީޘްފުޅުތަކުން ކަށަވަރުވެ ޔަގީންވާ ކަމަށް ހުތުބާގައި ވިދާޅުވެފައިވެއެވެ.
އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތް الله މާތްކުރައްވާފައިވާ މައްކާގެ އަލްމަސްޖިދުލް ހަރާމުން ފަލަސްޠީނުގެ ބައިތުލްމަގްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ ކީރިތި ރަސޫލާ ގެންދެވި ދަތުރު ފުޅެވެ. އަދި މިއުރާޖަކީ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލް އަގްސާއިން ހަތްވަނަ އުޑުގެ މައްޗަށް ކީރިތި ރަސޫލާ ގެންދެވުނު ދަތުރުފުޅެވެ.
މީގެއިތުރުން މިއަދުގެ ހުތުބާގައި ރަސޫލާގެ ކުރިން ވެސް އަދި ފަހުން ވެސް އެއްވެސް މީހަކަށް ވާސިލު ނުވެވޭނެ މަތިވެރި ދަރަޖަތަކަށް އެކަލޭގެފާނު މިދަތުރުފުޅުގައި ވާސިލުވެ ވަޑައިގަތް ކަމަށާއި އިސްރާ ދަތުރުފުޅުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން، އަލްމަސްޖިދުލް އަގްސާގައި ނަމާދުފުޅު ކުރެއްވި ކަމަށް ބުނެފައިވެއެވެ. އަދި މިއީ އެކަލޭގެފާނަށް މާތް الله ދެއްވި ބޮޑު ޝަރަފެކެވެ.
ހަމައެއާއެކު މި ބޮޑު ޝަރަފު ދެއްވީ އިސްލާމް ދީނަށްޓަކައި، އެދީނުގެ ރިސާލަތު ފެތުރުއްވުމަށް ލޮބުވެތި ރަސޫލާ ކުރެއްވި މިންނެތް ބުރަ މަސައްކަތްޕުޅުގެ ސަބަބުންނެވެ. ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅުގެ އިތުރުން އަނބިކަނބަލުން ހަދީޖަތުގެފާނު އަވަހާރަވުމުން އެކަލޭގެފާނު ތާއިފަށް ވަޑައިގަތެވެ. އެހެންނަމަވެސް މުޝްރިކުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ކެތް ނުކުރެވިގެން ކީރިތި ރަސޫލާ މައްކާއަށް އެނބުރި ވަޑައިގަތީ ތާއިފުގެ އަހުލުވެރިންނަށް ހިދާޔަތް ދެއްކެވުމަށް އެދި ދުއާ ކުރައްވަމުން ކަމަށްވެސް ހުތުބައިގައި ވިދާޅުވިއެވެ.
ކީރިތި ރަސޫލާ މައްކާއަށް އެނބުރިވަޑައިގަތުމުގެ މަގުމަތީގައި އުތުބާއާއި ޝައިބާގެ ބަގީޗާގެ ބޭރުގައި އަރާމު ކޮށްލެއްވުމަށް މަޑުކޮށް ލެއްވުމުން މި ދެމީހުން އެމީހުންގެ ނޯކަރު ކުއްޖަކު އަތަށް ދީފައި ރަސޫލާއަށް މޭބިސްކަދުރު ކޯޅިއެއް ވެދުމަކަށް ފޮނުވިއެވެ. އެކަލޭނގެފާނު ބިސްމި ވިދާޅުވެފައި އެއިން މޭބިސްކަދުރެއް ފަރިއްކުޅުއްވަން ފެށްޓެވުމުން އެ ކުއްޖާ ސުވާލުކުރިއެވެ. އަދި އެއީ އެރަށު މީހުން ކިޔައި އުޅޭ އެއްޗެއް ނޫން ކަމަށް ނޯކަރު ކުއްޖާ ބުނުމުން ކީރިތި ރަސޫލާ އެ ކުއްޖާއަށް އިސްލާމްދީން ހުށައަޅުއްވައި ޤުރްއާނުގެ ބައެއް އާޔަތްތައް ވިދާޅުވެ ދެއްވިއެވެ.
އެހިނދު މި ކުއްޖާ އިސްލާމް ވިއެވެ. މިއީ މި ދަތުރުފުޅުގެ ފުރަތަމަ މޭވާއެވެ. މިދަތުރުފުޅުގެ ދެވަނަ މޭވާއަކީ، މައްކާއަށް އެނބުރި ވަޑައިގަތް މަގުމަތީގައި، ކީރިތި ރަސޫލާގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވި ފޮނުއްވުމެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނުގެ ރިސާލަތަށް ޖިންނީންވެސް އިޖާބަދޭން ފެށިއެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ އަށް ދެއްކެވިއެވެ.
އޭގެތެރެއިން އެއްބަޔަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރަމުންދާ ބަޔެކެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ.
މި ދަތުރުފުޅުގައި ފެނިވަޑައިގެންނެވި އަނެއް މަންޒަރަކީ، އެބައިމީހުންގެ އިނގިލިތަކުގައި، ލޮއިގެ ނިޔަފަތިތަކެއް ހުރި ބަޔަކު އެ ނިޔަފަތިތަކުން އެމީހުންގެ މެއާއި މޫނުގައި ވަކި އަޅައި ނޮޅަމުންދާ މަންޒަރެވެ. އެއީ ކޮން ބައެއްތޯ ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ އެއީ މީސްތަކުންގެ އަބުރަށް އަރައި ނެތި މޮށޭ މީހުން ކަމުގައެވެ. އަދި މި ނޫންވެސް އެތައް ކަމެއް އެ ރޭ އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.
މި އަދުގެ ހުތުބާގައި ވިދާޅުވި ގޮތުގައި މި ހާދިޘާއަކީ އީމާންކަމާއި ތަރްބިޔަތާއި އިޖުތިމާއީ ދަރުސްތަކެއް އެކަމުގައި ހިމެނޭ ހާދިސާއެކެވެ. އެއީ ﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ އަމަލީ ހާދިސާއެކެވެ. މި ހާދިސާ ވެގެން ދިޔައީ މުއުމިނުންނާ ކުރިމަތިވި ބޮޑު އިމްތިހާނަކަށެވެ.
މި އިމްތިހާނުން އެންމެ ފުރަތަމަ ދަސްވެނިވި ބޭކަލަކީ މާތްاﷲ ރުއްސުން ލެއްވި އަބޫބަކުރުގެފާނެވެ. އެކަލޭގެފާނަށް މި އިމްތިޙާނުގައި އައްސިއްދީގުުގެ ލަގަބު ލިބިވަޑައިގަތެވެ.