ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ދޭން ނިންމާފައި ވާތީ މާލޭ ސަަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ތަކެތި ބޭނުންވާ ގޭބިސީތަކުން އަންނަ ހަފްތާ ރަޖިސްޓްރީވުމަށް ހުޅުވާލިއިއުލާން ބާތިލުކޮށް، ރެޖިސްޓްރީނުވެ ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކާޑުގެ ބާވަތްތައް ހޯދުމަށް ރަޖިސްޓްރީވާންޖެހޭ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާކަމަށް ވިދާޅުވަމުން، ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރެޖިސްޓްރީ ނުވެ، އެތަކެތި މާލެ ސަރަހައްދުގެ ގޭބިސީތަކަށްވެސް ލިބޭނެ ގޮތެއް ހަމަޖައްސާނެ ކަމުގައެވެ.

މާލޭ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ހަމަޖައްސާފައިވާ ކަމަށާއި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުގައި އުޅޭ މީހުން، މި މަހުގެ 25 ގެ ކުރިން ނަން ނޯޓު ކުރުމަށެވެ. ނަން ނޯޓުކުރުމަށް އޮންލައިން ފޯމަކާ އެކު ކުރި އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އިއުލާން ބާތިލްކުރީ ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހަދަމުންދާތީ ކަމަށެވެ. އަދި އަންނަ ހަފްތާގައި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުޅުވާލެވޭނެ ކަމަށް ވެސް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯ ފުށް ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.