ޢަމަލީގޮތުން މަސައްކަތުގެ މައިދާނަށް ނިކުންނަށް ބޭނުންވާކުދިންނަށް، އަލަށް ތަރައްޤީކުރާ ރިސޯޓްތަކުން ފުރުސަތު ލިބުމާއި އަމިއްލަ ރަށުގައި ތިބެ އުފައްދާ ތަކެތި އޮންލައިންކޮށް ވިއްކޭނެ މަގުވެސް ފަހިކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.ކިނބިދޫ، އުފާ، އާއިޝަތު ރައުނާ މުޙައްމަދު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އަމިއްލަ ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ރައުނާ ކުރި ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ވަކި ރަށެއްގައި ހުރީތީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ދޮރު ބަންދު ނުވާނެ ކަމަށެވެ.
ރަށުގައި މަތީ ސާނަވީއާއި ހަމައަށް ތަޢުލީމުގެ ފުރުޞަތު ފަހިވި ނަމަވެސް ރަށުގައި ވަޒީފާގެ ފުރުޞަތު ނެތުމުގެ ސަބަބުން ވަޒީފާ ހޯދުމަށް ދާންޖެހެނީ ވެރިރަށް މާލެއަށް ކަމަށާއި އަމިއްލަ ރަށުގައި އާމްދަނީ ހޯދޭނެ ގޮތްތައް ނެތުމުގެ ސަބަބުން، ރަށުގެ ދިރިއުޅުން ދޫކޮށްލުމަށް މަޖުބޫރުވާކަމަށް ރައުނާ ވަނީ ބުނެފައެވެ.
ރައުނާގެ މިވާހަކައާއި ސުވާލަށް ޖަވާބުދެއްވަމުން ރަައީސް ޑރ މުއިއްޒު ވިދާޅުވީ ތ. އަތޮޅުގައި އިގުތިސާދީ އަދި އާމްދަނީ ހޯދުމުގެ ފުރުސަތުތައް މަދުކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިހާރު އެއަތޮޅުގައި އޮތީ އެންމެ ރިސޯޓެއް ކަމަށާއި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކޮށްދެވުމަށް އެކި ގޮތްތަކުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އިތުރަށް ރިސޯޓްތައް ތަރައްޤީކުރުމާއި މަސްވެރިކަން އަދި ވަކިވަކި ފަރުދުންގެ ހުނަރުވެރިކަން ބޭނުންކޮށްގެން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ ޕްލެޓްފޯމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ދިވެހިންތެރޭގައި ވަރަށް ފަންނުވެރި އެކިކަހަލަ މަސައްކަތްތައް ކުރާ މީހުން އެބަތިބި ކަމަށާއި އެފަދަ މީހުން އަމިއްލަ ރަށުގައި ތިބިގެން ތަކެތި އުފެއްދުމުން އޮންލައިން ޕޭމަންޓް ގޭޓްވޭއެއްގެ ތެރެއިން އެ ތަކެތި މާކެޓްކޮށް ވިއްކޭނެ ގޮއްތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޢަމަލީގޮތުން މަސައްކަތުގެ މައިދާނަށް ނިކުންނަށް ބޭނުންވާ ކުދިންނަށް، އަލަށް ތަރައްޤީކުރާ ރިސޯޓްތަކާއި އިޤްތިޞާދީ އެހެނިހެން ފުރުޞަތުތަކުގައި ބައިވެރިވެ ވަޒީފާގައި އުޅެވޭނެކަމަށެވެ. ރައީސް ވަނީ ސަރުކާރު އެ މަސައްކަތްތަކާއިމެދު ޒުވާނުން އުއްމީދު އައުކޮށް ކުރިއަށްދިއުމަށް ގޮވާލައްވާފައެވެ.