ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލު ކުރަން ފެށި ފަހުން އަތޮޅު ކައުންސިލްގެ އިންތިހާޚާބެއް ކާމިޔާބުކޮށް, ރާއްޖޭގެ ފުރަތަމަ އަތޮޅު ކައުންސިލްގެ ރައީސާ ކަމަށް ހައްވާ އަބްދުލް އަޒީޒް ހޮވިއްޖެއެވެ.

ހައްވަ މިމަގާމަށް ހޮވިފައިވަނީ މިއަދު ބޭއްވި ފ އަތޮޅު ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. އޭނާ ވާދަކޮށްފައިވަނީ ސަރުކާރުގެ ފަރާތުން, ޕީއެންސީ ޓިކެޓްގައެވެ. މިއީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށިފަހުން "އަތޮޅުކައުންސިލް ރައީސް"ގެ މަގާމަށް އަންހެންކަނބަލަކު ހޮވިވަޑައިގަތް ފުރަތަމަ ފަހަރެވެ.

ފ އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިޔަށް ގޮސްފައެވެ. ފެލިދޫގެ ރައީސްކަމަށް ހޮވިފައިވަނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް ވިޝާމެވެ. އެއީ އަމިއްލަ ކެނޑިޑޭޓަކާ ވާދަކޮށެވެ. ރަސްގެތީމު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާ ވާދަކޮށް އެމްޑީޕީންނެވެ.

ހައްވާ އާ ދެކޮޅަށް މިއަދު އިންތިޚާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީ ކެނޑިޑޭޓެކެވެ. މިއަދުގެ ބައި އިލެކްޝަންގައި ހައްވައާށް 941 ވޯޓް ލިބިފައިވާއިރު, އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 887 ވޯޓެވެ. ފ. އަތޮޅުގެ ބައި އިލެކްޝަންގައި ވޯޓް ލުމުގެ ޙައްޤު 5574 މީހަކަށް ލިބެއެވެ.