ސްކޫލު ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުން ތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭންޕުގެ 101 ވަނަ ކޭންޕު ހުޅުމާލެ، ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ކޭންޕު ނިންމުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން އަދި މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި، ފުލުހުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ސަލާހުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ސަލާހުއްދީން ސްކޫލްގެ 136 ދަރިވަރުންނާއެކު މި މަހު 8 އިން 10 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭންޕުގެ ގައުމިއްޔަތުގެ ކްލާސް ނަންގަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ.

ފުލުހުން ބުނި ގޮތުގައި މި ކޭންޕުގައި، ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ގަޑިއަށް ފަރުވާތެރިވެ ގަޑިންގަޑިއަށް ކަންކަން ކުރުމުގެ އާދަ އަށަގަންނުވައި ދިރިއުޅުމުގެ އެކި ކަންކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް، އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ދުރުހެލިވެތިބުމާ އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންކަމަށް އަހުލުވެރިކުރުވުމަށް ކްލާސްތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދިވެސް އޭގެ އިތުރުން، ތަފާތު އެކިކަހަލަ ކުށްތަކުން ދަރިވަރުން ރައްކާތެރިކުރުވުމަށް މައުލޫމާތުދިނުމާއި ކަންކަމުގައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތުދީފައިވެއެވެ.