ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް މި މަހު 8 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުތު ޕޮލިސް ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ.
މި ރަސްމިއްޔާތުގައި، ސައުތު ޕޮލިސް ސަބް ރީޖަން ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީހް، ގދ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ރިޝްވީނާ އަހުމަދު އަދި އެހެނިހެން ފުލުހުންނާއި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ބައިވެރިވެލެއްވިއެވެ.
ރޯޑް ޕޮލިހާއި ގދ. އަތޮޅު ޕޮލިސް ގުޅިގެން ފެބުރުވަރީ 3 އިން 8 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ތަމްރީނު ޕްރޮގްރާމްގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ 36 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
ފުލުހުން ބުނީ ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް މާލެއާއި އަތޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.