އޭޝިއަން ކަޕުގެ ފައިނަލުގައި އުރުދުން އަދި ގަތަރު ބައްދަލުކުރި މެޗު 3-1 އަކުން ކާމިޔާބުކޮށް, ޖެހިޖެހިގެން ދެވަނަ ފަހަރަށް އޭޝިއަން ކަޕު ގަތަރުން ކާމިޔާބު ކޮށްފިއެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ މުބާރާތުގެ ހޯސްޓު ގަތަރުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ, މެޗުގެ 22 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން, އަކްރަމް އަފީފެވެ. އަފީފުގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އަކުން ގަތަރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި އުރުދުންގެ ޔަޒާން އަލްނައިމަތު ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން އަފީފް ވަނީ މެޗުގައި އޭނާގެ ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް ގަތަރަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އަފީފް ވަނީ ގަތަރަށް ލިބުނު ތިން ވަނަ ޕެނަލްޓީ ގޯލަށް ވައްދާލައި އޭނާގެ ހެޓްރިކު ކާމިޔާބުކޮށްފައެވެ.
މުބާރާތުން މޮޅުވުމާއެކު ގަތަރަށް ވަނީ އެގައުމުގެ ތާރީހުގައި ދެވަނަ ފަހަރަށް އޭޝިއަން ކަޕު ކާމިޔާބުކުރެވިފައެވެ. ގަތަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭޝިއަން ކަޕު ކާމިޔާބުކުރީ 2019 ވަނަ އަހަރުގައެވެ.