ދީނަށް ހުރުމަތްތެރިކޮށްހިތައި، ދައުލަތަށް ވަފާތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަކުރާ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިޠާބު ގައި އެމަނިކުފާނު ވަނީ އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު ފެންނަކަން ފާހަގަކުރައްވާފައެވެ.
އަދި އެފަދަ ހާލަތަކަށް ދިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ބާރުއަޅުއްވައި، ގައުމަށް ތެދުވެރިވެ، ދީނަށް ހުރުމަތްތެރިކޮށްހިތައި، ދައުލަތަށް ވަފާތެރިވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެ ހާދިސާތަކުގެ ހަނދާން އައުކުރައްވައި ދެއްކެވީ ވާހަކަފުޅުގައި ރައީސް ވަނީ ނުހަނު ރީތިކޮށް އޭރު ކަން ހިނގައި ދިޔަގޮތް ސިފަވެސް ކޮށްދެއްވާފައެވެ.
ޕޯޗުގީޒުން ވެސް އެ މީހުންނަށް މާލެ ނޭރުނު ކަމަށް ނިންމައި ކާބޯތަކެއްޗާއި އެހެނިހެން ވަސީލަތްތައް ވެސް މަދުވަމުންދާތީ ޚިޔާލުތަފާތުވުންތައް އުފެދުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލޭގައި ވެސް އާންމުންގެތެރޭގައި ފިތުނަވެރި ބައެއް ވާހަކަތައް ބައެއް މީހުން ފެތުރި ކަމަށާއި މި ފިތުނައިގެ ތެރެއިން ދިވެހީން ގަދަވެފައި ވަނިކޮށް ކޮންމެވެސް މީހަކު ދެއްކި ވާހަކައެއް ފޭދިގެން ގޮސް އަމާން ދިން ކަމަށެވެ.
"ޕޯޗުގީޒުން މާލެއަށް އެރި. އެ ވަރުން ވެސް ޢަލީ ރަސްގެފާނުގެ ހިތްވަރުފުޅަކަށް ޢަޒުމަކަށް އީމާނަކަށް ބަދަލެއްނައި. ގާތްގަނޑަކަށް ގިނިކަންޏާ ކަހަލަ ގޮތަކަށް އެންމެ ދެތިން މީހުންނާއެކު މައިދާނަށް ނުކުމެވަޑައިގެން ޢަދުއްވުންނާ ކުރިމަތިލައްވައި ޝަހީދުވި. އަމިއްލަ ފުރާނަފުޅަށްވުރެވެސް އިސްކުރެއްވީ ދީން. ގައުމަށް ތެދުވެރިވުން. ދައުލަތަށް ވަފާތެރިވުން. ރައްޔިތުން ސަލާމަތްކުރެއްވުން.“
ރައީސް ވިދާޅުވީ މުޅި ހަނގުރާމައާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށެވެ.
“އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގއުމަށް ޚިޔާނާތްތެރިވުން. ހަމައެއާއެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެ މީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް އޭނާއަށް އޭނާ އެދޭ ބާރެއް ރަސްކަމެއް ހޯދައެއްނުދިން. ޙަސަން ރަސްގެފާނު އެ މީހުންނަށްޓަކައި ދީން ވެސް ދޫކޮށްލެއްވި. ނަމަވެސް ނަސާރާއެއްގެ ގޮތުގައި ހުންނަވައި އެންމެފަހުން އިންޑިޔާގައި އަވަހާރަވީ. އޭނާއަށް މާލެ ވަޑައިގެންނެވޭނެ ގޮތް ވެސް ޕޯޗުގީޒުން ހަމަޖައްސައެއް ނުދިން.“ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިއަދުގެ ޚިތާބުގައި ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، އަލިރަސްގެފާނުގެ ޖިހާދު މީޑިއާއާ މުޚާތަބް ކުރާ ކަމަށާއި، ޚަބަރު ފަތުރާއިރު، ގައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްތެރިވާ ކަމަށެވެ. އަދި ދޮގު ޚަބަރުތައް ނުފަތުރަން އިންޒާރުދޭކަމަށް ވިދާޅުވަމުން، ރައީސްގެ ޚިޡާބުގައި ވިދާޅުވީ، އަލި ރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާވެސް މުޚާތަބްކުރާ ކަމުގައެވެ. އަދި ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި އަމިއްލަ ގައުމު ފަހަނައަޅާ ނުދާން އެޖިހާދުން ނަސޭހަތްތެރިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލި ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުޚާތަބުކުރާ ކަމަށާއި ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ގޮވައިލާ ކަމަށެވެ. ހަމައެހެންމެ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ ހައްގަށް އަބަދުވެސް ނަސްރު ދެއްވާނެކަން ކަމަށާއި އަދި އެއީ ބިމުގެ ކުޑަކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ މިއަދު ފާހަގަ ކުރެވޭ ފަޚުރުވެރި ޝަހީދުންގެ ދުވަހު އެމަނިކުފާނުގެ އިޚްލާސްތެރި އިލްތިމާސަކީ ގައުމަށް ތެދުވެރިވެ ދީނަށް ހުރުމަތްތެރިކޮށް ހިތުން ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. އަދި ދަރީންގެ ކިބައިގައި މި ސިފަތައް ހަރުލެއްވުމަށްވެސް ރައީސް އިލްތިމާސްކުރެއްވިއެވެ.