ލަލީގާގައި ރެއާލް މެޑްރިޑް އަދި ޖިރޯނާ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް ރެއާލުން ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ރެއާލުގެ ސެންޓިއާގޯ ބާނިބޭއޯ ސްޓޭޑިއަމްގައި ބައްދަލުކުރި މެޗަށް ދެޓީމުން ނިކުތްއިރު އެއްވަނައިގައި އޮތީ ރެއާލެވެ. ނަމަވެސް މެޗުން މޮޅުވެގެނެ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޖިރޯނާއަށް އޮތެވެ.
މެޗުގައި ރެއާލުގެ ފަރާތުން ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 6 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއެވެ. ރެއާލުން ވަނީ 35 ވަނަ މިނެޓުގައި ލަނޑު ޖަހައި އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ބެލިންގްހަމް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރެއާލުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އޭގެ 7 މިނެޓު ފަހުން ރޮޑްރީގޯ ވަނީ ލަނޑު ޖަހައި ރެއާލުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގައި އެންމެ އެދެވޭ ފަދަ ކުޅުމެއް ދެއްކިފައި ނުވާ ޖިރޯނާއަށް މެޗުގެ ނުވަދިހަ މިނެޓު ހަމަވި އިރުވެސް ރެއާލުގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މި ލިބުނު މޮޅާއެކު ރެއާލަށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ރެއާލުން ލީގުގެ އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. މެޗުން ނާކާމިޔާބުވި ޖެރޯނާ ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 56 ޕޮއިންޓާއެކުގައެވެ.