ބުންޑަސްލީގާގައި ބަޔާން މިއުނިކް އަދި ބަޔާ ލެވަކޫސަން ވާދަކުރި މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ ލެވަކޫސަންއިން ވަރުގަދަ ބަޔާން ލަދުގަންނުވާލައިފިއެވެ.

ލެވަކޫސަންގެ ބޭއެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތްއިރު ލީގުގެ އެއްވަނައިގައި އޮތީ ލެވަކޫސަންއެވެ. ލެވަކޫސަންއަށްވުރެ ދެ ޕޮއިންޓު ފަހަތުގައި އޮތް ބަޔާން އޮތީ ދެވަނައިގައެވެ. މެޗުން މޮޅުވެގެން ލެވަކޫސަން ފަހާލައި އެއްވަނައަށް އެރުމުގެ ފުރުސަތު ބަޔާނަށް އޮތެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގައި ލެވަކޫސަން ލީޑު ނަގަން ބޭނުންވީ އެންމެ 18 މިނެޓެވެ. ލެވަކޫސަންއަށް ލީޑު ނަގައިދިނީ އެޓީމުގެ ޖޯސިޕް ސްޓަނީސިޗްއެވެ. ލެވަކޫސަންއިން އެޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 50 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ އެލެކްސް ގްރިމަލަޑޯއެވެ. ލެވަކޫސަންގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ 5 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޖެރެމީ ފްރިމްޕޮންގްއެވެ.

މެޗުން މޮޅުވުމާއެކު ލެވަކޫސަންއަށް ވަނީ ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 21 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ. ލެވަކޫސަން މި ސީޒަނުގައި އަދި އެންމެ މެޗަކުން ވެސް ބަލިވެފައެއް ނުވެއެވެ. މިދިޔަ 11 އަހަރު ޖެހިޖެހިގެން ލީގު ކާމިޔާބުކުރި ބަޔާނު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ ކުޅުނު 21 މެޗުން 50 ޕޮއިންޓެވެ.