ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ހަފްތާ 14 ގެ މަގު ޗާޓާ އެއްގޮތަށް "ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރު" ގައި ރަޖިސްޓްރީ ވުމަށް މިއަދު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރު އެކުލަވާލުމާ ގުޅޭ ގޮތުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ރަޖިސްޓްރީވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އެމިނިސްޓްރީގެ "ސިމްސް ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ. ރަޖިސްޓްރީ ވުމަށް ސުންގަނޑިއެއް ދީފައެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ ނިމިދިިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމެކެވެ. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ ޓެކްސީ ޑްރައިވަރުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ރާއްޖޭގެ މާލީ ނިޒާމުތަކުގެ ތެރެއިން ލޯނާއި ހަރުމުދާ ޤަތުމަށް ފަސޭހަ ކޮށްދިނުން ކަމަށް ސަރުކާރުން ހާމަ ކުރައްވައެވެ.