ދިވެހިރާއްޖޭގެ ތަރައްގީގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށާއި އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައިވެސް އަންހެނުން ބާރުވެރި ކުރުވުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައިވަނީ ނުވަވަނަ އިންޓަނޭޝަނަލް ޑޭ އޮފް ވިމެންސް އެންޑް ގާރލްސް އިން ސައިންސް އެސެމްބްލީއަށް މިއަދު ފޮނުއްވި މެސެޖުގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްތައް މިހާރުވެސް ކުރެވެމުން ދާކަމަށާއި އިޖުތިމާއީ އަދި ސިޔާސީ ކަންކަމުގައިވެސް އަންހެނުން ބާރުވެރި ކުރުވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްގީގައި އަންހެނުންނަކީ މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށްވެސް މެޑަމް ސާޖިދާ ވަނީ ވިދާޅުވެފައެވެ.
މުޅި ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިން ސައިންސާ ގުޅުން ހުރި އެކި ދާއިރާތަކުން ކުރިއަށްދާ މިންވަރު އިތުރުވުމުންދާކަމާއި ހުދު އެކަމަނާވެސް ސައިންސްގެ ދާއިރާއިން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ އަންހެނަކަށް ވިއަސް އަދި ފިރިހެނަކަށް ވިއަސް މިފަދަ މުހިއްމު ދާއިރާއަކުން ފަސޭހައިން ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ.
ސާޖިދާ ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރަމުންދާއިރު ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން ކުރިއަށް ދިޔުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް އެ ގޮންޖެހުންތައް ނައްތާލަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މިދާއިރާއިން އަދުގެ ކުޑަކުދިން ކުރިއަށް ގެންދިޔުމަށްޓަކައި އެކުންދިން ޝައުގުވެރިކަން އުފެއްދުމަށާއި ހިތްވަރު ދިނުމަށް އައު ގޮތްތަކެއް ހޯދަން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސްގެ އަނބިކަނބަލުންގެ ވާހާކަފުޅުގައި މިހާރުވެސް ރާއްޖޭގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ދައުރު ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އިތުރުކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން %60 އަކީ އަންހެނުންކަމަށާއި ފިރިހެނުންގެ އިންސައްތައަކީ 40 ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި އިޖުތިމާއީ ،އިގްތިސާދީ އަދި ސިޔާސީ ދާއިރާގައި އަންހެނުންނަށް ފުރުޞަތުތައް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވައިގެން ސަރުކާރުން އެ މަގުން މަސައްކަތް ކުރައްވާކަމަށެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް ކާމިޔާބީތަކެއް ލިބި "ސްޓެމް"ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވެގެންދާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.