އދގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖީ) ގައި ރާއްޖޭން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ވަޒީރުންގެ ލަފައަށްފަހު، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއިކޮށްފައިވާ މި މުޢާހަދާ އަކީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މިއީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަން ރައީސް އޮފީހުން ފާހަގަ ކުރިއެވެ.

މިފަދަ މުއާހަދާއެއްގައި ރާއްޖެފަދަ ކުޑަކުޑަ ގައުމަކުން ބައިވެރިވުމަކީ މުހިންމު ކަމެއް އެކަރުދާހުގައި ފާހަގަކުރައްވާފައިވެއެވެ.